“ފާދިއްޕޮޅު އަދަބީ ޢީދު”ގެ ނަމުގައި ބޭއްވި އަދަބީ ޢީދު ނިންމާލައިފިއެވެ. ސްކޫލްތަކުގެ ދަރިވަރުން ދިވެހިބަހާއި އަދަބިއްޔާތަށް އިތުރަށް އަހްލުވެރިކުރެއްވުމުގެ ގޮތުން ރާއްޖޭގެ އެކި އަތޮޅުތަކުގައި ދިވެހިބަހުގެ އެކަޑަމީން ބާއްވަވަމުން ގެންދަވާ އަދަބީ ޢީދު މިފަހަރު ބާއްވަވާ ވަނީ ފާދިއްޕޮޅުގައެވެ.

މި ޢީދަކީ އަދަބީ ގިނަ ޙަރަކާތްތަކެއް ހިމަނުއްވައިގެން ކުރިއަށްގެންދެވި ހަރަކާތެކެވެ. އެގޮތުން ފާދިއްޕޮޅު އަދަބީ އީދު ފެއްޓެވީ ޅ. އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންގެ ނޫސްކޮންފަރެންސަކުންނެވެ. އަދި އަތުލިޔުމުގެ މުބާރާތާއި، ޅެންހެދުމުގެ މުބާރާތްތަކާއި، ޘަޤާފީ ހަވީރުތަކާއި ތަފާތު ވާދަ މުބާރާތްތަކެއް މިއަދަބީ ޢިދުގައި ކުރިއަށްގެންދަވާފައިވެއެވެ.

ޅ. އަތޮޅުގެ 4 ރަށެއްގެ ސްކޫލުން ބައިވެރިވި މި ޢީދުގެ ރަން ތަރި، އެއަތޮޅު އޮޅުވެލިފުށީ ސްކޫލުން ވަނީ ހޯދާފައެވެ. މިއީ މިފަދަ ޢަދަބީ ބޮޑު ހަރަކާތެއްގައި އޮޅުވެލިފުށީ ސްކޫލުން ބައިވެރިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ފާދިއްޕޮޅު ޢަދަބީ ޢީދުގެ ރަންތަރިއަކަށް ހޮވިފައި ވަނީ  އޮޅުވެލިފުށީ ސްކޫލެވެ. ދެވަނަ އަށް އެންމެ ގިނަ ކާމީޔާބީ ހޯދައި ޢީދުގެ ރިހި ތަރި ހޯދީ، ޅ. އަތޮޅު ތައުލީމީ މަރުކަޒްގެ ދަރިވަރުންނެވެ. އަދި ސުވާސާތަރިއަކަށް ހޮވިފައި ވަނީ ޅ އަތޮޅު މަދަރުސާއެވެ.

ޕާދިޕޮޅު އަދަބީ ޢީދު ނިންމުމަށް ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ  ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ދިވެހިންނަކީ ވަރަށް ފަޚުރުވެރި ތާރީޚެއް އޮތް ބައެއްކަމަށާއި، ދިވެހިންގެ މިއޮތް މިނިވަންކަމައި، އަމިއްލަވަންތަކަމުގެ އަސްލަކީ އަމިއްލަ ބަހަކާއި، ލިއުމުގައި އަމިއްލަ އަކުރުތަކެއް އޮތުންކަމަށެވެ. އަދި މިފަދަ ޢަދަބީ އީދެއްގެ ތެރެއިން މުބާރާތެއްގެ ގޮތުގައި ބޭއްވެވިގެން ދިއުމަކީ އެކުދިންގެ ހުނަރު އިތުރަށް ކުރިއެރުވި، ބަހުގެ ކަންކަމަށްވެސް އެކުދިން އަޙްލުވެރިވެގެންދާނެކަމެއްކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، ފާދިއްޕޮޅުގެ ރަށްތަކަށް ޚާއްސަކުރައްވައިގެން ހިންގި ޢަދަބީ ޢީދުގެ ހަރަކާތްތައް ކުރިއަށްދިޔައީ ވަރަށް ފުރިހަމައަށްކަމަށާއި، ޢަދަބީ ގޮތުން ފާހަގަކުރެވޭ ގިނަ ދަރިންތަކެއް އުފެދުނު ޅ. އަތޮޅުން، މި ޢީދުގެތެރެއިންވެސް  ލާމަސީލު ނަމޫނާއެއް ފެނިފައިވާކަމަށެވެ.

މިއަދަބީ ޢީދުގެ ގިނަ ހަރަކާތްތަކުން ރަންވަނަތަށް ހޯދި ސްކޫލްތަކުގެ ދަރިވަރުން ބުނީ މިއީ، އެކުދިންނަށް ލިބިގެންދިޔަ ވަރަށް ފައިދާހުރި ފުރުޞަތެއްކަމަށާއި،  ބަހާ އަދަބިއްޔާތުގެ އާކަންތައްތަކެއް ދަސްވެގެންދިޔަކަމަށެވެ.

މިޢަދަބީ އީދުގައި، ބޮޑެތި މީހުންނަށް ޚާއްސަ މަސައްކަތު ބައްދަލުވުންތަކާއި ފޮތް މަޢުރަޒެއްވެސް ކުރިއަށް ގެންގޮސްފައި ވެއެވެ..

ފާދިއްޕޮޅު ޢަދަބީ ޢީދު ނިންމުގެ ގޮތުން އިފްތިތާޙުގެ ބެލެނިވެރިންގެ ފަރާތުން ޚާއްސަ ޖާފަތެއް އަރުވާފައިވެއެވެ. މިޖާފަތުގައި ނައިފަރުގެ އާންމުފަރާތްތަކާއި، ދިވެހިބަހުގެ އެކަޑެމީގެ އިސް ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

ފާދިއްޕޮޅު އަދަބީ ޢީދު  ބާއްވަވާފައި ވަނީ، ޅ އަތޮޅުގެ ރިޒޯޓެއްކަމުގައިވާ އެޓްމޮސްފިއަރ ކަނިފުށި މޯލްޑިވްސްއާއި، ޅ. އަތޮޅުކައުންސިލާއި، ނައިފަރުގައި ހުރި ސަރުކާރުގެ މުއްސަސާތަކާއި މަދަރަސަތުލް އިފްތިތާޙް ހިމެނޭހެން ޅ. އަތޮޅު ސްކޫލްތަކުގެ އެހީތެރިކަމާ އެކުކަމަށް، ދިވެހިބަހުގެ އެކަޑަމީން މަޢުލޫމާތުދެއްވައެވެ.